“އައްނޫރުލް މުބީން” ގެ ތަޞްފިޔާގައި 33 ފަރާތެއް ބައިވެރިވެއްޖެ
ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރްއާން މުބާރާތުގައި ރާއްޖެއިން ތަމްސީލްކުރާނެ ބައިވެރިއެއް ހޮވުމަށްބާއްވާ ތަޞްފިޔާގައި ރާއްޖޭގެ އެކިކަންކޮޅުތަކުން 33 ފަރާތެއް ބައިވެރިވެއްޖެއެވެ. މުބާރާތުގެ ތަޞްފިޔާ ބޭއްވުނީ މިއަދު (2 މެއި 2018) ގެ 9:00 ގައި ކީރިތި ޤުރްއާނާބެހޭ މަރްކަޒްގެ ހޯލުގައެވެ. މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އާއި ކީރިތި ޤުރްއާނާބެހޭ މަރްކަޒް އަދި ޕަބްލިކް ސާވިސް މީޑިއާ (ޕީ.އެސް.އެމް) ގުޅިގެން ބާއްވާ މުބާރާތެކެވެ. މިމުބާރާތް އޮންނާނީ މެއި މަހުގެ 11 ން 17 ގެ ނިޔަލަށެވެ. ދިވެހިރާއްޖެ، މިޞްރު، ސަޢުދީޢަރަބިޔާ، އަދި ޕާކިސްތާނުގެ ފުންނާބު އުސް ފަނޑިޔާރުން ހިމެނޭ ޕެނަލަކުން ފަނޑިޔާރުކަން ކުރައްވާ މިމުބާރާތުގައި ބައިވެރިވުމަށް 11 ޤައުމަކަށް ވަނީ ދަޢުވަތު ފޮނުވިފައެވެ.