"އައްނޫރުލް މުބީން" ޤުރުއާން މުބާރާތް

“އައް-ނޫރުލް
މުބީން” ޤުރުއާން މުބާރާތަކީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ދަޢުވަތަކަށް ރާއްޖޭގައި ބާއްވާ ފުރަތަމަ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ނުވަ ޤައުމަކުން ބައިވެރިވެއެވެ. އަދި ރާއްޖެ ހިމެނޭހެން ފަސް ޤައުމެއްގެ ވަރަށް ޢިލްމުވެރި ޤާބިލު ބޭފުޅުން މި މުބާރާތުގައި އިންސާފުކޮށްދެއްވައެވެ.

މުބާރާތުގައި ފަނޑިޔާރުކަން ކުރާ ބޭފުޅުންނަކީ، ސޫދާންގެ ޑރ.ޢަބްދުލް މުނީރު މުޙައްމަދު އަޙްމަދު އަލް ރާބީ، ޕާކިސްތާނުގެ ޑރ.މުޙައްމަދު ޔޫނުސް، މެލޭޝިއާގެ ޑރ.ވާން ހިލްމީ ވާން ޢަބްދުﷲ، ޔަމަންގެ ޑރ.ޢަބްދުލްހަމީދު ނާޞިރު ޞާލިޙް އަލް ޣައުސީ އަދި ރާއްޖޭގެ އަލްޤާރީ އަޙްމަދު ތަޢުފީޤް ޢަބްދުއްރަޙްމާނެވެ.

ދެ ރައުންޑަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި ކޮންމެ ބައިވެރިއަކުވެސް ކޮންމެ ރައުންޑެއްގައި އެއް ފަހަރު ކިޔަވާނެއެވެ. ބައިވެރިން ކިޔަވާނީ އެ ރައުންޑެއްގައި އެ ބައިވެރިއަކަށް ނެގޭ ސުވާލަކަށެވެ. މި މުބާރާތުގައި ރާއްޖެ ހިމެނޭހެން ބައިވެރިވާ އެހެން ޤައުމުތަކަކީ، ސޫދާން، ތުރުކީ، ސަޢުދީ ޢަރަބިއްޔާ، ޕާކިސްތާން، މެލޭޝިޔާއާ، ކުވައިތް، މިޞްރް އަދި ބަންގްލަދޭޝެވެ.

މި މުބާރާތުގައި ރާއްޖެ ތަމްސީލްކުރަނީ މ.ވޭވަށު ފެހިފާރުދާގެ އަޝްރަޤް ނާޒިރެވެ. މި މުބާރާތުގެ މަޤްޞަދަކީ މީހުންގެ ހިތްތަކުގައި ތަޖްވީދުގެ ހަމަތަކާއި އެއްގޮތަށް ޤުރުއާން ކިޔެވުމަށް ލޯބި އިތުރުކުރުމާއި، ޤުރުއާން ހިތުދަސްކުރުމަށް އިތުރަށް ބާރުއެޅުމެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ ބައިނަލްއަޤްވާމީ ޤުރުއާން މުބާރާތް “އައްނޫރުލް މުބީން”އިންތިޒާމް ކުރަނީ އިސްލާމިކް މިނިސްޓްރީ އާއި ކީރިތި ޤުރުޢާނާއިބެހޭ މަރުކަޒާއި ޕީއެސްއެމް ގުޅިގެންނެވެ.

މި މުބާރާތުގެ ޝަރަފްވެރި އެއްވަނަ، ކުވެއިތުން ވާދަކުރި އަބްދުﷲ މުހައްމަދު އަލްހައްޔާތު އަށް އެވޯޑް ހަވާލު ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުއްގައްޔޫމެވެ. މުބާރާތުގެ އެއްވަނަ އިނާމެއްގެ ގޮތުގައި އަލްހައްޔާތަށް ވަނީ 30000 އެމެރިކާ ޑޮލަރުގެ ފައިސާގެ އިނާމަކާއި ރައީސްގެ ފަރާތުން ދެއްވައި ހާއްސަ އިނާމުގެ އިތުރުން ތަށްޓާއި ސެޓްފިކެޓް ލިބިފައެވެ.

މުބާރާތުގެ ދެވަނައަށް ހޮވުނީ، ތުރުކީން މުބާރާތުގައި ވާދަކުރި ހަމީދު އަފްޝާރު ޤުރްޖާ އަށެވެ.

އަދި ތިން ވަނައަށް ހޮވުނީ، ރާއްޖޭގެ ފަރާތުން މުބާރާތުގައި ވާދަކުރި އަޝްރަގް ނާޒިރަށެވެ. މުބާރާތުގެ ތިން ވަނަ މަގާމު އަޝްރަގް ހާސިލްކުރިއިރު މިއީ ބައިނަލްއަގްވާމީ މުބާރާތެއްގައި އޭނާ ތަމްސީލުކޮށް ވާދަކުރި ދެ ވަނަ ފަހަރެވެ.

މުބާރާތުގެ ދެވަނަ އިނާމަކަށް 15000 އެމެރިކާ ޑޮލަރު އަދި ތިން ވަނަ އަށް ދާ ބައިވެރިޔާއަށް 5000 އެމެރިކާ ޑޮލަރު ހުށަހަޅާފައި ވެއެވެ. ދެވަނައާއި ތިންވަނަ ހޯދި ބައިވެރިންނަށް ހަނދާނީ ފިލައާއި ސެޓްފިކެޓާއި ރައީސްގެ ހާއްސަ އިނާމު ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.